Friday, March 21, 2014

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014 – އަވަސް ކަޅިއެއް!

މުޅި ރާއްޖެ މިވަނީ ހުއްޓިފައެވެ. ކޮންމެ ބަޔަކުވެސް ވިސްނަމުންދަނީ ހޮވޭނީ ކާކު ބާއެވެ؟ މިއަދު މޮޅުވާނީ ކާކު ބާއެވެ؟ ދުވަސް ނިމިގެން ދާއިރު ރޯލަން ޖެހޭނީ އުފަލުން ބާއެވެ؟ ނުވަތަ ހިތާމައިގެ ސަބަބުން ބާއެވެ؟ އާދޭހެވެ! ރާއްޖޭގެ 18ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވޭ އިންތިޚާބު މިއަދު ފަށައިފިއެވެ. ރާއްޖޭގެ ތާރީޚުގައި މަޖިލީހަށް އެންމެ ގިނަ މެންބަރުން ހޮވުމަށް ބޭއްވޭ ތާރީޚީ އިންތިޚާބު ފެށިފައިވަނީ ހެނދުނު 08.00 ގައެވެ. ވޯޓުލުން ނިމުމަށް ހަމަޖެހިފައިވަނީ ހަވީރު 04.00 ގައެވެ. މި އިންތިޚާބުގައި ޖުމްލަ 85 މެންބަރުން ހޮވޭނެއެވެ. މުޅި ޤައުމުގެ އެކި އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ތަމްސީލު ކޮށްދޭނެ މެންބަރުން އެނގިގެންދާނީ މިއަދުގެ ވޯޓު ގުނާ ނިމުމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް ތައްޔާރުވެފައި ވާއިރު، އަޅުގަނޑުމެން ވިސްނާލަންވީ، ރައްޔިތުންނަށް ފައިދާވާނީ ކޮންފަރާތަކަށް ވޯޓުލީމާތޯއެވެ؟ ސަރުކާރަށް އަޤުލަބިއްޔަތު ދެވިގެންތޯއެވެ؟ ނުވަތަ އިދިކޮޅު ޕާޓީ އަށް އަޤުލަބިއްޔަތު ދެވިގެންތޯއެވެ؟ ޝައްކެއްވެސް ނެތެވެ. މިއީ ވަރުގަދަ ސުވާލެކެވެ. މިސުވާލުގެ ޖަވާބަށް އިންސާފު ކޮށްލެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްލާނަމެވެ.

ރައްޔިތުންގެ މަޖިލީހަކީ ރިޔާސީ ނިޒާމެއްގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. މި ނިޒާމް ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް މި ތިން ބާރު އެއް ބާރު އަނެއް ބާރަށް ފާރަވެރިވެ ޒިންމާދާރު ކުރުވަން ޖެހެއެވެ. މިގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޒިންމާދާރު ގޮތެއްގައި ޖަވާބުދާރީ ކުރެވޭނީ އެ މަޖިލީހުގައި އިދިކޮޅު ޕާޓިގެ މެންބަރުން ތިބެގެންނެވެ. އެ މެންބަރުންގެ އަދަދު ފުދޭވަރަކަށް މަތިވެސް ވެގެންނެވެ. އެހެންކަމުން މަޖިލީހުގައި އިދިކޮޅު މެންބަރުން ތިބުމަކީ ކޮންމެހެންވެސް ބޭނުންކަމެކެވެ. އެހެން ނަމަވެސް މި ފުރުޞަތުގައި ވިސްނާލަންވީ ނުޤުތާއަކީ، މި މެންބަރުން މަސައްކަތް ކުރާންވާނީ ޒިންމާދާރު ކަމާއެކީ ކަމެވެ. އެއްވެސް ނުބައި ނިޔަތެއްގައި ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސް އަޅާ، ސަރުކާރު ހުއްޓުވަން މަސައްކަތް ކޮށްގެން ނުވާނެ ކަމެވެ.
ހަމަ މި ބީދައިން، ސަރުކާރުގެ މަސައްކަތްތަކަށް ބާރުދީ، ސަރުކާރު އެކަށޭނަ ގޮތެއްގައި ހިންގުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް މަޖިލީހުގައި ފުދޭވަރަކަށް ތިބެންޖެހޭނެއެވެ. އެއީ ސަރުކާރު ހިންގަންޖެހޭ މުހިއްމު ކަންކަމަށް ހަދަންޖެހޭ ޤާނޫނުތައް ހެދުމަށެވެ. ހަމަ މި ފުރުޞަތުގައިވެސް ހަނދާނުގައި ބަހައްޓަންޖެހޭ ނުޤުތާއެއް އެބައޮތެވެ. ސަރުކާރުގެ މެންބަރުންވެސް މަސައްކަތް ކުރަންވާނީ، ރައްޔިތުންގެ ލާބަ އާއި މަންފާއަށެވެ. ޚުދު މުޚުތާރު ގޮތެއްގައި، ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް އެ ބޭބޭފުޅުންގެ މަސްލަހަތު އިސްކޮށްގެން ނުވާނެއެވެ.
ކޮންމެއަކަސް އާޚިރުގައި އަޅުގަނޑުގެ ޚިޔާލަކީ، މަޖިލީހަށް މުހިއްމީ، ނިސްބަތްވާ ޕާޓީގެ ގޮނޑީގެ އަދަދެއް ނޫނެވެ. މުހިއްމީ އިޚުލާޞްތެރި، އިތުބާރުކުރެވޭ، ޚިދުމަތްތެރި މެންބަރުންނެވެ. ޤައުމަށް ހެޔޮ އެދޭ ވަރުގަދަ ފަހުލަވާނުންނެވެ. ރައްޔިތުންނަށްޓަކައި މަސައްކަތްކުރަން ތިބި ޚާދިމުންނެވެ.
ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ޙައްޤު އަދާކުރައްވާ، ވޯޓު ދެއްވާށެވެ. ޤައުމު ބިނާ ކުރުމުގައި ބައިވެރިވެލައްވާށެވެ!


No comments:

Post a Comment